All news from Laamu Atoll

ދޮންބަންޑާރައިންގެ ޖިހާދު

ދޮންބަންޑާރައިންގެ ޖިހާދަށް ބަލައިލުމަށްޓަކައި މާޒީވެދިޔަ ތާރީޚުގެ ތެރެއަށް ޖެހިލަމާ ހިންގަވާތޯއެވެ… އަޅުގަނޑުމެންނަށް ފެންނަމުންދަނީ ހޮޅީން ރާއްޖޭގެ ވެރިކަމަށް ވެރިވެގަނެ ވެޔޮދޮށުގަނޑުވަރުގައި ވެރިކަން ކުރަމުން އަންނަތަނެވެ. މި ވެރިކަން އެބައިމީހުން ގާއިމުކުރީ އެބައިމީހުންގެ ލަޝްކަރެއް ރާއްޖެ އައިސް އޭރު ހުންނެވި ރަދުން ނުހަނު އަނިޔާވެރިކަމާއެކީ މަލިކަށް ގެންދިޔުމަށްފަހުއެވެ.

ހޮޅިންގެ ވެރިކަމުގައި އެމީހުން ދިވެހިންނަށް ނުކުރަނީ ކޮން އަނިޔާއެއްތޯއެވެ؟ މައިންނާއި ދަރީންގެ ކުރިމަތީގައި ބަފައިން ބަނދެ އަނިޔާ ކުރަމުންދާއިރު މި އަނިޔާވެރި ޒާލިމުންގެ ހިތަކަށް ކުޑަވެސް އެއްޗެއް ނާރައެވެ. ކުށެއްނެތް މައުސޫމް އެތައް ދިވެހިންނެއްގެ ލޭ އެމީހުން މި ދިވެހި ފަސްގަނޑަށް އޮހޮރުވާލިއެވެ.

No More Plastic Bags
ADS BY NO MORE PLASTIC BAGS

ދަންނަވަންތޯއެވެ. ދިވެހިންނަކީ އެއްވެސް އިރެއްގައި އަޅުވެތިކަމަށް ރުހިގެން ތިބި ބައެއްނޫނެވެ. އަދި ރުހޭނެވެސް ބައެއް ނޫނެވެ. މިކަން މި އަނިޔާވެރި ހޮޅިންނަށްވެސް ދިވެހިން އަންގައިދިނެވެ. އެމީހުންގެ މި އަނިޔާވެރި ވެރިކަމާއި ދެކޮޅަށް ދޮން ހަސަން މަނިކުފާނާއި އެ މަނިކުފާނު ގެ އެކުވެރިން ތެދުވިއެވެ.

ދެން ފެނިގެންދިޔައީ 3ޖުމާދަލްއާޚިރު 1166ވީ ރޭގެ މެންދަމު، ދޮންހަސަން މަނިކުފާން ދިވެހިންގެ ފަސްދޮޅަހަކަށް މީހުން ގޮވައިގެން ވެޔޮދޮށު ގަނޑުވަރަށް  ވަދެވަޑައިގަތް މަންޒަރެވެ. އަދި ބަޑިގުދަން ހުޅުވާ ހޮޅިންނާއި ނުހަނު ވަރުގަދައަށް ހަނގުރާމަކުރައްވާ މަންޒަރެވެ. އިރުއަރަންވީއިރު އެބައިމީހުން ބަލިކުރައްވާ މުޅި ރާއްޖެ އެބައިމީހުންގެ ކިބައިން ސަލަާމަތް ކުރެއްވިއެވެ.

ހޮޅިންގެ އަޅުވެތިކަމުން ދިވެހި އުންމަތް ސަލާމަތްކޮށް ދިންކަމަށްޓަކައި  ދިވެހި ރަސްކަމަށް އިސްވެ ވަޑައިގަތުމަށް ދޮންބަންދާރައިންގެ ކިބައިން ދިވެހިން އެދުނެވެ. ނަމަވެސް އެންމެފުރަތަމަ މިހުށައެޅުން ގަބޫލުފުޅެއް ނުކުރައްވައެވެ. ނަމަވެސް އޭރު މާލޭގައި ތިބި ބޮޑުން ކުރުނުކޮށް އާދޭސްކުރަން ފެށުމުން މި ހުށައެޅުން ގަބޫލުކުރެއްވިއެވެ. މިކަމުން އަޅުގަނޑުމެންނަށް އެނގި ހާމަވެގެން ދަނީ ދޮންބަންޑާރައިން ގެ އިހުލާސްތެރިކަމެވެ. މިއަދު އަޅުގަނޑުމެންވެސް މިފަދައިން ގައުމަށް ކޮށްެދޭ ހިދުމަތް ތަކުގައި އިހުލާސްތެރިވާނަމަ، އަޅުގަނޑުމެންނަށްވެސް ނަސްރާއި ފަތަހަ ލިބޭނެކަން ޔަގީނެވެ. އަދި ގައުމު މިއަދު ވެއްޓިފައިވާ ފުންވަޅުގަނޑުން ﷲގެ އިރާދަފުޅާއިއެކު ސަލާމަތްވާނެކަން ޔަގީނެވެ.

މިފަދަ ދޮންބަންޑާރައަކަށްވުމަށް ބޭނުންވަނީ ވަރުގަދަ އަޒްމެވެ. ނުގުޑާފަދަ އީމާނެކެވެ. ތެދުވެރި ނިޔަތެކެވެ. މިސިފަތައް އަމިއްލަ ނަފުސުގައި އަށަގަންނުވައިފިނަމަ ދޮންބަންޑާރައިން ފަދަ ޤައުމީ ބަޠަލަކަށް، އެފަދަ ލާމަސީލު މިސާލަކަށް ވުމަކީ ދަތިކަމެއް ނޫނެވެ.

ދޮން ބަންޑާރާއިން ފަދަ ގައުމީ ބަތަލުން ގެ ހިތްވަރުން ހިތްވަރު ލިބިގަނެ، ގައުމުގެ ފައިދާއާއި ލާބައަށްޓަކައި މަސައްކަތްކޮށް، އަބަދުވެސް އަމިއްލަ ޒާތީ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކުރުމަށް މުހިންމެވެ.

Share this article
[sharethis-inline-buttons]

ޚިޔާލު ފާޅުކުރައްވާ