ހަމަ ހަގީގަތުގައިވެސް ކޮކްޓޭލު ކޯލީޝަންގެ ރަނިންމޭޓު އޮޅިއްޖެއެވެ
ރިޔާސީ އިންތިހާބުގެ ފޯރި އިންތިހާ ގަދަވެ ދެކޮޅުންވެސް ކެމްޕޭނު މެކުހަށް ޖަހާފައިވާއިރު ތަފާތު މަންޒަރެއް މިދަނީ ފެންނަމުންނެވެ. ގިނަ ބަޔަކު މިވާހަކަ އެބަ ދައްކަތެވެ. ވާނީވެސް އެހެންނޫންތޯއެވެ. މިވަނީ އިދިކޮޅު ކޯލީޝަން ނުވަތަ ކޮކްޓޭލު ކޯލީޝަންގެ ރަނިންމޭޓު އޮޅިފައެވެ.
ގައިމު ރަނިންމޭޓެއްގެ ގޮތުގައި ހޮވި ކެނޑިޑަސީ ހުށަހެޅިއިރު އީސީއަށް ރަނިންމޭޓެއްގެ ގޮތުގައި ރަޖިސްޓްރީ ކުރީވެސް ފައިސަލް ނަސީމެވެ. ނަމަވެސް އެހެންތޯއެވެ. ޖުމްހޫރީ ޕާޓީންވެސް އަދި ކޮކްޓޭލު ކޯލީޝަނުންވެސް ބޮޑަށް ޕްރޮމޯޓްކުރަނީ ޖަރުމަނުގައި ފިއްލަވައިގެން ހުންނެވި މަހުޖަނު ގާސިމް އިބްރާހީމްގެ ހަގު އަނބި އައިޝަތު ނަހުލާ ނުވަތަ އެމީހުންގެ ނަމުން ނަމަ އައިޝާއެވެ.
ހަމަ ކޮންމެ ދުވަހަކުވެސް އެކަމަނާފާނަކު ރަށްރަށަށް ވަޑައިގެންފިކަމަށާއި މަރުހަބާ ކިޔަން އެންމެ ހަ މީހުން ނިކުތައް ހޫނު މަރުހަބާއެއް ކިޔާވާހަކަ އެ ޕާޓީގެ ސްޕޯކްސްޕާސަން ޓްވީޓްކޮށް މީޑިއާތަކަށް ހަބަރު ފޮނުވަމުންދެއެވެ. ނަމަވެސް ރަނިންމޭޓު ފައިސަލް ނަސީމްގެ ވާހަކަ އެވަރަށް އެވެރީންވެސް ދައްކާތަނެއް ނުފެނެއެވެ.
އަދި އެވަރަކުން ނިމުނިއްޔަކީ ނޫނެވެ. އެކަމަނާފާނަކު ދާހާ ތަނަކަށް ދަނީ މަހުޖަނު ގާސިމް އިބްރާހީމްގެ ޕްރޮޕަގެންޑާ ޓީވީގެ ބޮޑު ޓީމެއްވެސް ގޮވައިގެންނެވެ. ކަވަރޭޖު ވަރުގަދަކުރުމަށޯލައެވެ. މިކަމަކާހުރެ ކޮކްޓޭލު ކޯލީޝަންތެރޭގައިވެސް ދެބަސްވުންތަކެއް މިހާރުވެސް އުފެދިގެން އުޅޭ ވާހަކަ ކޮންމެވެސް ވަރަކުން އެބަ އަޑުއިވެއެވެ. އަޑެއް ކިޔަންޏާ ރެނދެއް ލާނޭ ކާބަފައިން ބުނެއުޅެތެވެ. ލާން އުޅޭ ރެނދު ބަލަން ތިބެމާހެއްޔެވެ.